މިފެކަލްޓީގައި އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކާ ބެހޭ މަޢުލޫމާތުދިނުމަށް ބާއްވާ އޯޕަންޑޭ މިއަދު ފަށައިފިއެވެ. މި ނޮވެމްބަރ 1 އާއި 2 ގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޙަރަކާތް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު ބާޤިރާއި މަދީނާގައި ހުންނަ ޖާމިޢާ އިސްލާމިއްޔާގެ މުދީރު ޑރ. އިބްރާހީމުލްޢުބައިދުއެވެ.
މީގެ އިތުރުން މި ޙަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒު ޝަރީފާއި ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. މުޢާވިޔަތު މުޙައްމަދު ބައިވެރިވެވަޑައިގަތެވެ. އަދި އެފް.އައި.އެސްގެ ޑީން އައްޝައިޚު ޢަލީ ޒާހިރާއި ފެކަލްޓީގެ ގިނަ ލެކްޗަރަރއިންނާއި މުއައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
އަމީނީ މަގުގައި ހުންނަ ޞަލާޙުއްދީން ބިލްޑިންގގައި ގާއިމުކުރެވިފައިވާ އެފްއައިއެސްގެ ގޯތިތެރޭގައި ފާހަގަކުރެވެމުންދާ އޯޕަންޑޭގައި ކޯސްތަކާ ބެހޭ ގޮތުން މަޢުލޫމާތުދިނުމުގެ އިތުރުން ފޯމު ފުރައިދިނުމާއި ސަޓިފިކެޓުތަައް އެޓެސްޓުކޮށްދިނުމުގެ ޚިދްމަތްވެސް ލިބޭނެއެވެ. މީގެ އިތުރުން ދީނީ ގޮތުން އޮޅުންފިލުއްވަން ބޭނުންވާ މަޢުލޫމާތުދިނުމަށް ދީނީ ކައުންސިލިންނަށް ޚާއްޞަ މޭޒެއް ބެެހެއްޓިފައިވެއެވެ. އޯޕަންޑޭގެ ޙަރަކާތްތައް އޮންނާނީ ނޮވެމްބަރ 1 ވާ އާދީއްތަ ދުވަހާއި 2 ވާ ހޯމަ ދުވަހުގެ ހެނދުނު 9ން 11އަށާއި ހަވީރު 4ން 6ށް އަދި ރޭގަނޑު 8ން 11އަށެވެ.